ޝަހީދާ އަބްދުﷲ ސައީދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއެކު ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދާއިރާތަކުގެ ތެރޭގައި، ޑިފެންސް، ސިއްހަތު، ފެރީގެ ނިޒާމާއި، ކަސްޓަމްސް ތަރައްގީކުރުން، ސިވިލް ސާވަންޓުން ތަރައްގީ ކުރުމުގެ އިތުރުން، ޝިިޕިންގް މައުލޫމާތު ބަދަލުކުރުމުގެ ދާއިރާ ހިމެނެއެވެ.
ދަތުރުފަތުރުގެ ނިޒާމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެއްވި އިރު މިއެއްބަސްވުމުގެ ދަށުން އިންޑިއާގެ ކޮޗިންނާއި ހދ. ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ފެރީގެ ހިދުމަތް ދެވޭނެއެވެ.
އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެސް ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފައެވެ. މިއީ ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުމަކާއި، ކަސްޓަމްސް ތަރައްގީ ކުރުމުގެ އެއްބަސްވުމެކެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވަނީ ރަސްމީ މަޝްވަރާތަކެއް ވެސް ކުރައްވާފައެވެ.
އޭގެ ތެރޭގައި، ދެގައުމުގެ މަސްލަހަތާ ގުޅޭ ބައިނަލްއަގްވާމީ މައްސަލަތަކާ މެދުވެސް މަޝްވަރާ ކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އިރު، މިހާރު ދެގައުމު ގުޅިގެން ހިންގާ މަޝްރޫއުތަކާއި މެދު ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.