ޚަބަރު

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، މޯދީއަށް އަރުވައިފި

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވައިފިއެވެ.

ރަސްމީ ދަތުރު ފުޅެއްގައި މއިަދު ހަވީރު ރާއްޖެ ވަޑައިގެންނެވި މޯދީއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި ލަގަބު އެރުވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލަގަބް މޯދީއަށް އެރުވުމުގެ ގަރާރު އިއްވެވުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި އިއްޒަތް އެރުއްވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، މީގެކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުއްވައިފައެވެ.

އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ.

މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަހްމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެއެވެ.