ރައީސް އޮފީސް

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ރަސްމީ ވާހަކަތައް ފަށައިފި

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ރަސްމީ ވާހަކަތައް ފަށައިފި އެވެ.

މި ވާހަކަތައް ކުރިއަށް ގެންދަނީ ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މީގެ އިރުކޮޅެއްކުރިން މާލެ ވަޑައިގެންނެވުމުން، ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުރާނަަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފައެވެ.

މިކަން އޮތީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ސަގާފީ އައިޓަމެއް ސްކޫލް ކުދިން ހުށަހެޅިއެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ހަތް ކޮޅުގައި ބޮޑުވަޒީރު މޯދީ ވަނީ، ރައިސުލް ޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ. އެމަނިކުފާނު ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައިވަނީ ސޮއިކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށްފަހު، ގުޅިފައިވާ ބަޔާނެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން ވެސް ކުރިޔަށްދާނެއެވެ.

ރާއްޖޭގެ ފޮރިިން މިނިސްޓްރީން ބުނީ މޯދީގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ހަ އެއްބަސް ވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.

މައުލޫމާތު ލިބިަފއިވާ ގޮތުގައި، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރުވާނީވެސް ދެލީޑަރުންގެ ބައްދަލު ކުރެއްވުމަށްފަހުގައެވެ.