ޚަބަރު

މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވަނީ އިޖުރާތުތަކާ އެއްގޮތަށް: އަޝްރަފް

އަލީ އިހްސާން

މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވަނީ އިޖުރާތުތަކާ އެއްގޮތަށް ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

މިއަދު އަޝްރަފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރިހަމަ ކުރާން ޖެހޭ އިޖުރާތުތަކާއެކު، މިސްކިތްތަކުގައި ބޭރުބަސްބަހުން ހުތުބާއާއި މަޖިލީސްތަކުގައި ތަގުރީރުވެސް ކުރެވޭނެކަމަށެވެ.

"ފުރިހަމަ ކުރާން ޖެހޭ އިޖުރާތުތަކާއެކު، މިސްކިތްތަކުގައި ބޭރުބަސްބަހުން ހުތުބާ ވެސް ކިޔޭނެ. މަޖިލީސްތަކުގައި ތަގުރީރު ވެސް ކުރެވޭނެ. މި ފަހަރު ރައްޔިތުންގެ މަޖިލީހުން އެކަން އެ ކުރައްވަނީ އެ އިޖުރާތުތަކާ އެއް ގޮތަށް." އަޝްރަފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު މިހެން ވިދާޅުވެފައިވަނީ، މިއަދު ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ހިންދީ ބަހުން ތަގުރީރު ކުރައްވާތީ އެކަމާ މީސް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔަމުން ގެންދާ ދަނޑިވަޅެއްގައެވެ.