ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރެއް ފެއްޓެވުމަށްފަހު އިންޑިއާއިން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަނިކުފާނު ފައިބާ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.

ބޮޑުވަޒީރު މޯދީ އެއާޕޯޓުން ދެން ވަޑައިގަންނަވާނީ މާލެއެވެ.

އެމަނިކުފާނު މާލެ ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ބޮޑުވަޒީރު މޯދީ އާއި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު ރަސްމީ ބައްދަލު ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

މި ބައްދަލު ކުރެއްވުމަށްފަހު، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރުވާނެއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނީ ދެ ލީޑަރުންގެ ރަސްމީ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މި ދަތުރުފުޅުގައި މޯދީ ރާއްޖޭގެ ނައިބުރައީސް ފައިސަލް ނަސީމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ، ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސް ވުންތަކުގައި ސޮއިކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ފަހުގައެވެ.

ނައިބުރައީސާ ބައްދަލު ކުރެއްވުމަށްފަހު، މޯދީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު މަޖިލީހުގައި ބާއްވާ ޖަލްސާގައި ތަގްރީރު ކުރެއްވުން ކުރިއަށް ގެންދަވާނެއެވެ.

މޯދީގެ ޝަރަފުގައި ބާއްވާ ފަރިއްކޮޅެއްގައި މިރޭ އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ބޮޑުވަޒީރު މޯދީ ރާއްޖެއިން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.