ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަދި ގަދަވެ، ގަޑިއަކު 50 މޭލަށް ވައިގަދަވެ ބައެއް ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 6 ފޫޓަށް އަރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރެވޭނެ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މެޓު އޮފީހުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވެސް ވައި ގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެފައިވެއެވެ.
މެޓު އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކުރާ ކަމަށެވެ.