ސަރުކާރު

ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފް މޯދީ އަށް އަރުވަނީ

މިއަދު މެންދުރުފަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ އަށް ދިވެހި ދައުލަތުން ދެމުން އަންނަ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވަން ހަމަޖެހިއްޖެ އެވެ.

މި ލަގަބު މޯދީ އަށް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވަނީ، އިންޑިޔާގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައެވެ.

ނަމަވެސް ދިވެހި ސަރުކާރުން އަދި އެކަން ޔަގީންކޮށްދީފައެއްނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މޯދީ އަށް އެރުވުމަށް ހަމަޖެހިފައިވާކަން އަދި ޔަގީންކޮށްދެވެން ނެތް ކަމަށެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ރާއްޖޭގައި ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެކެވެ.

މިހާތަނަށް މި ޝަރަފް އެރުވި ހަމައެކަނި ބޭރުގެ އިއްޒަތްތެރިޔަކީ އިނގިރޭސި ރާނީ އެލިޒަބަަތު އެލެކްސް ސެންޑްރަރ މޭރީ (އެލިޒަަބަތު 2)އެވެ.

އެކަމަނާއަށް މި ޝަރަފް އަރުވާފައިވަނީ 1972 ވަނަ އަހަރުގެ މާރޗް މަހު އެ ކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.