ވިއްސާރައިގަި، ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިކަލް ސެންޓަރުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާއިރު، ރާއްޖޭގެ އުތުރުގެ އެކި ހިސާބަށް ވިއްސާރަވެ ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑުގައި ގަދަ ވާނެއެވެ. އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ވިއްސާރަ ގަދަވާނެތީ މެޓް އޮފީހުން ވަނީ އދ. އަތޮޅާއި ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.