ރިޔާޒް ރަޝީދު

އެންޓި ޑިފެކްޝަން ގާނޫނަށް ކުރިން ތާއީދު ކުރީ ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރަން: ރިޔާޒު

މުހައްމަދު އައުޒަމް

އެންޓި ޑިފެކްޝަން ގާނޫނަށް ކުރިން ތާއީދުކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ދިފާއުކުރަން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލަށް ވޯޓުދިން ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް އެންމެ ދެރަވި ދުވަސް ކަމަށާއި ނަމަވެސް އޭރު އެކަން ކުރީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް ކަމަށެވެ. އަދި ވޯޓު ދިންއިރު، ސުޕްރީމް ކޯޓުގެ ހުކުމެއްގެ ދަށުން ވެސް އޮތީ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށާއި އެހެންކަމުން އެބިލަށް ވޯޓުދިނުން ނޫންގޮތެއް އޭރު ނެތީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާއި އެންޓި ޑިފެކްޝަން ގާނޫނުގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުގެ ސަބަބުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބުނާ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްތަކެއް ހުރި ކަމަށެވެ.

"އެހެންވީމަ އެއީ ހިތާމަކުރަން ޖެހުނު ކަމެއް. އެބިލަށް ވޯޓުދިން ދުވަހު އެއީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަޅުގަނޑު އެންމެ ދެރަވި ދުވަސް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ސިއްރު ސިއްރުން އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އޭރުވެސް ޕީޕީއެމްގެ ގިނަ މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ޚިލާފު ގާނޫނެއް ކަމަށް ކަނޑައަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޯޓުން ވަނީ އެ ގާނޫނު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކޮށްފައެވެ.

އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުން އިންތިޚާބު ކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކުގެ ސުލޫކީ ކޮމެޓީއަށް ލިބިގެންވުމެވެ.