ފުރަމާނަ ދަތުރު ފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް
ހާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ މާދަމާ އިރުއޮއްސި 6:45 ގައި ކަމަށް ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ އާއްމު ކުރި، އެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، 6:45 ގައި ޖަލްސާ ފައްޓަވާނީ އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ފަށަން އޮންނަ ގޮތަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެއަށްފަހު ޖަލްސާގެ ހާޒިރީ އިއްވަވައި ދުވަހުގެ އެޖެންޑާ އިއުލާން ކުރައްވާނެއެވެ.
ދެން އޮންނާނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަރުހަބާ ދެންނެވުމެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެއަށްފަހުގައެވެ.
ޖަލްސާގެ އެޖެންޑާގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މި ޖަލްސާ ނިންމަވާލައްވާނީ، މޯދީގެ ވާހަކަފުޅަށްފަހު، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝުކުރު ދެންނެވުމަށްފަހުގައެވެ.