ޚަބަރު

އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

އަލީ އިހްސާން

އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ "ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ މައްކާގައި ނިޔާވެފައިވަނީ ހުޅުދޫއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހެއްކަމަށްވާ ހަސަން އަޒީޒު ކަމަށެވެ.

މިހާރު އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމީހާގެ އުމުރެއް ވިދާޅެއްނުވެއެވެ.

އިބްރާހިމް ޝުކުރީ ވިދާޅުވީ، ރޭފަތިހު ހަސަން އަޒީޒު ނިޔާވީ ރޯގާޖެހި ނޭވަޔަށް އުނގަދޫވާތީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށާއި، ސްޓްރޯކެއް ޖެހިގެން ކަމަށްބުނެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ސީދާ އޭނާއަށް ވީގޮތް ޔަގީންވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާ މެންދުރު ނަމާދަށްފަހު ހަސަން އަޒީޒުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން ހުޅުދޫގައި އޮންނާނެ ކަމަށާއި، މިރޭ މައްކާގައި ކަށު ނަމާދުކުރުން އޮންނާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ.

މުައުލޫމާތު ލިބިފައިވާ ގޮތުގުގައި ނިޔާވީ ކަމަނަ ހޯލްޑިންގ ޕްރައިވެޓް ލިމިޓްގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު މީހެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް ގޮސްއުޅުނު މީހަކު ނިޔާވެގެން އަދި އެމިނިސްޓްރީއަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ.