އިންޑިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި، ބޮޑު ވަޒީރުކަމުގެ ދެވަނަ ދައުރު ފެއްޓެވުމަށްފަހު، ބޭރު ގައުމަމަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި ވަޑައިގަންނަވާ ގައުމަކަށް ރާއްޖެ ހިޔާރުކުރެއްވީ ރާއްޖެ އަކީ އެންމެ ގާތް އަވަށްޓެރި ގައުމަށް ވާތީ ކަމުގައި، މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅާބެހޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި މޯދީ ވިދާޅުވެފައިވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގައުމުތަކާއެކު ހާއްސަ ގުޅުމެއް ބާއްވަވާ ކަމަށާއި، އެގޮތުން ރާއްޖެއަކީ އިންޑިއާ ގާތް އެކުވެރި ރައްޓެހި ގައުމެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.