ޝަހީދާ އަބްދުﷲ ސައީދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއެކު ހަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މޯދީގެ ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލު ވިދާޅުވީ މޯދީގެ ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށެވެ.
އެގޮތުން ސިވިލްސާވަންޓުން ތަމްރީނު ކުރުމުގެ ދާއިރާ އާއި ކަސްޓަމްސް ދާއިރާގެ އިތުރުން ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ދާއިރާ، ޝިޕިންގް ދާއިރާ، ރާއްޖެ އާއި ކޮޗިންނާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުމާއި ބެހޭ އެއްބަސްވުން އޭގެ ތެރޭގައި ހިމެނެއެވެ.
ހަލީލު ވިދާޅުވީ މޯދީގެ މިދަތުރުފުޅުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތައް އިފުތިތާހު ކުރުމުގެ އިތުރުން، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސިސްޓަމް އިފްތިތާހު ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ހަލީލު ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު ކަމަށާއި މަރުހަބާ ދެންނެވުން އޮތީ 4:00 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ދެގައުމުން ސޮއިކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އިންޑިއާ އިން ދިން ރާޑަރު ސިސްޓަމާއި ސިފައިންގެ ޓްރެއިނިންގ ސިސްޓަމް އިފްތިތާހުކުރުމާއި ޖޮއިންޓް ޕްރެސް ކޮންފަރަންސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މާދަމާރޭ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޯދީއަށް ދެއްވާ ޖާފަތެއް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ، ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވެސް މޯދީގެ މި ދަތުރު ފުޅުގައި ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯދީ ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ހެނދުނު އެވެ.
މޯދީގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ރަސްމީ ވަފްދުގައި މޯދީގެ އިތުރުން 10 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި ނުރަސްމީ ހައިސިއްޔަތުން ގާތްގަނޑަކަށް 100 ވަރަކަށް ބޭފުޅުން މޯދީ އަރިހުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.