ޚަބަރު

ތައުލީމީ މަންހަޖުގައިހުރި އަގީދާ އާއި އީމާންކަމުގެ ބައިތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހޭ: ހުތުބާ

އިބްރާހިމް ޒަކީ

އަޅުގަނޑުމެންގެ ތައުލީމީ މަންހަޖުގައި ހުރި އަގީދާ އާއި އީމާންކަމުގެ ބައިތަކާއި ވާހަކަތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ޒުވާނުންގެ އުޅުމަށް އައިސްފައިވާ ނޭދެވޭ ބަދަލާއި، އެކަމުން ސަލާމަތްވާން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން، މިއަދުގެ ހުކުރު ހުތިބާގައި އަލިއަޅުވާލާފައިވާއިރު، ހުތުބާގައި ބުނެފައިވަނީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ތަޅާ ފޮޅުމާއި މާރާމާރީ ހިންގުން އާއްމުވެފައިވާ ކަމަށެވެ. ވައްކަމާއި ހިޔާނާތާއި މަކަރު ހެދުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން އިތުރު ވެފައިވާކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބަދުއަހުލާގީ އަމަލުތައް ހިންގުންވަނީ ގިނަވެ، މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން އާއްމު ވެފައިވާކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މުޖުތަމައު އިސްލާހުކޮށް މަސްތުވާތަކެތި ބޭނުންކުރުންފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ އަގީދާ އާއި އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް ފުރިހަމައަށް އީމާންވެ ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެގެންކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، ގައުމުގެ ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ތަރައްގީކޮށް، އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށެވެ. އަދި އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކަކާމެދު ވިސްނަން ޖެހޭކަމަށެވެ.

އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށްމުހިއްމު ދައުރަކަށްވީހިނދު، އަދި ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު މިއަދު ބައެއް ޒުވާނުންނަކީ ދީނާ ދުރު، ރިވެތި އަހުލާގީ ސިފަތަކަށް ބީރައްޓެހިވެފައިވާ ބައެއް ކަމަށާއި، މާތް ﷲ ހަރާމް ކުރައްވާފައިވާ، ވައްކަމާއި ފޭރުމާއި ގަތުލު އާއްމު ހިންގުމާއި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިތިބި ބައެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ ހުރިހާ ކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް. އަދި އަޅުގަނޑުމެންގެ ތައުލީމީ މަންހަޖުގައިހުރި އަގީދާ އާއި އީމާންކަމުގެ ބައިތަކާ ވާހަކަތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހޭ. މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، ހަގީގީ މާނާގައި މާތް ﷲ އަަށް އީމާން ވުމަކީ، އިންސާނާގެ ހިތުގައި އުފާވެރި ކަމުގެ ޝުއޫރު ތަކާއި ބާއްޖަވެރިކަމުގެ އިހުސާސްތައް އުފައްދާ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުންގެ ފަރާތުން އިވޭ އަޑަކީ، ދީނީ ވާޖިބުތައް އަދާކުރަމުންދާއިރު، ވަރަށް ފަސޭހައިން ކުށްފާފަ ތަކަށާއި މާތް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައި ގަނެވޭކަމުގެ ވާހަކަ ކަމަށްވެސް ބުނެފައިވެއެވެ.

"މިއީ މިއަދު އަޅުގަނޑުމެންނާ ކުރިމަތި ވެފައިވާ ވަރަށްބޮޑު މުސީބާތެއް. މިއީ އަޅުގަނޑުމެންގެ އީމާންކަން ބަލިކަށި ވުމުގެ އަލާމާތެއް. އީމާންކަމަކީ ހިތުގައި ސާބިތު ވެފައިވާ ވަރުގަދަ އަގީދާއެއް. އެއްވެސް ފަރާތަކުން އެއަށް ބަދަލު ނުގަނެވޭފަދަ ގޮތަކަށް ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަގީންކަމެއް. އެއީ ތިމާ ތެދުކޮށް ގަބޫލުކޮށްފައިވާ ކަށަވަރު ކުރުމެއް،" ހުތުބާގައި ބުނެފައިވެއެވެ.