ރިޔާޒް ރަޝީދު

އެކަނި ނުކުމެ އިންތިޚާބު ކާމިޔާބު ނުވާނެކަން ކުރިން ވެސް ރައީސް ޔާމީނަށް ދެންނެވިން: ރިޔާޒު

މުހައްމަދު އައުޒަމް

އެކަނި ނުކުމެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުރިން ދަންނަވާފައިވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ އެ ވާހަކަ ރައީސް ޔާމީނަށް ދެންނެވީ އޭނާ އެކަނި ނޫން ކަމަށާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވެސް އެ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ދެއްވި ޖަވާބަކީ މިއީ ތިމަން މަނިކުފާނުގެ އިންތިޚާބެއް ކަމަށާއި ތިމަން މަނިކުފާނު ވިދާޅުވާ ކަމެއް ކޮށްދިނީމަ ނިމުނީ ކަމުގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މި ވާހަކަތަކަކީ އަޅުގަނޑާއި އަބްދުއްރަހީމާއި ޒަމީރާއި ނިހާނާއި އަދި އަލީ އާރިފާއި އަޅުގަނޑުމެންގެ ލެވެލުގައި ވެސް އަޅުގަނޑުމެން ހުންނާނެ މީގަހުރި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، ރައީސް ޔާމީނަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ފެންނަ ގޮތް އަޅުގަނޑުމެންނަށް ދެންނެވިން. ރައީސް ވިދާޅުވީ ރައީސްގެ އިންތިޚާބެކޭ. އެހެންވީމަ ރައީސަށް ދޫކޮށްލާށޭ. ރައީސް ހަވާލުކުރެއްވި ކަމެއް ކުރާށޭ. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދިޔައީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީނަށް އެ ވާހަކަތައް ހިއްސާކުރެއްވީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ބޭނުންވާތީ ކަމަށެވެ. އެގޮތުން އެކަނި ނުކުމެގެން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ވާހަކަވެސް އޭނާ ރައީސް ޔާމީނަށް ދެންނެވި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވިގޮތުގައި ރައީސް ޔާމީން އިންތިޚާބުން ބަލިވި މައިގަނޑު އެއް ސަބަބަކީ މިވެރިކަމުގައި ސިޔާސީ ފަރާތްތައް ޖަލަށްލާފައި ތިބީ އިންސާފުން ކަމަށް ދިވެހި ރައްޔިތުން ބަލައިނުގަތުން ކަމަށެވެ. އަދި ކެމްޕޭންގެ ކަންތައްތައް ކުރިއަށްގެންދިޔުމުގައި މަޖިލިސް މެމްބަރުންނަށް ބާރުތައް ދީފައިނުވުމަކީ ވެސް އިންތިޚާބު ކާމިޔާބު ކުރުމަށް އެޅުނު ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫވޭ ކަމެއް ހިނގަމުންދާ ގޮތާއި ކަންކަން ވާގޮތް ނުދައްކާ ހުންނަން. އަޅުގަނޑަކީ ވަރަށް އޯޕަން މީހެއް އެހެންގޮތަކަށް ދަންނަވާކަމަށްވަންޏާ. އަޅުގަނޑަށް އެކަން ސިއްރުކޮށްގެންވެސް ނުހުރެވޭނެ. އެހެންވީމަ އަޅުގަނޑަށް އެ ވާހަކަ ބުނެވޭނެ. އިންތިޚާބުގެ ކަންތައް ވަމުންއައިގޮތް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންނަށް ނޭނގި ވީކަމެއް ނޫން މިއީ. ބައެއް މީހުންނަށް ހީވެދާނެތާ ރިޔާސީ އިންތިޚާބުން ބަލިވާކަން އަޅުގަނޑުމެންނަށް ނޭގެއޭ. އަޅުގަނޑަށް އެނގޭ ބަލިވާކަން. އެނގޭތީ އެއަށް ފިޔަވަޅުއަޅަން ކުރަން ހުރި މަސައްކަތްތައް ކުރުމަށްޓަކައި އެކަށީގެންވާ ފުރުސަތު ލިބޭ، އެކަށީގެންވާ ހިސާބެއްގައެއް ނޫން އަޅުގަނޑު ހުރީ. މިދަންނަވަނީ އެލެވެލު މީހެއް ނޫނޭ އަޅުގަނޑު މިއީ،" ރިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ހަވާލުކުރި މަސައްކަތެއް ހަވާލުކުރިގޮތަށް އިޚްލާސްތެރިކަމާއެކު ކޮށްދެއްވާފައިވާނެ ކަމަށާއި އޭނާއަކީ ރައީސް ޔާމީނަށް ކެހިދިން މީހެއް ކަމަށް ނުބުނެވޭނެ ކަމަށް ވެސް ވިލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް އިޚްލާސްތެރިވާންޖެހޭ ބަޔަކު އެމަނިކުފާނަށް އޮޅުވާލުމަކީ އެކަމާ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ރައީސް ޔާމީން ބަލިވުމަކީ އަޅުގަނޑު އުފާކުރާ ކަމެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރަކީ ރާއްޖެ ބޮޑެތި ތަރައްގީތަކެއް ލިބިގެންގޮސް އާދަޔާ ޚިލާފު ކުރިއެރުންތަކެއް ލިބިގެންދިޔަ ފަސް އަހަރު ކަމަށާއި އެމަނިކުފާނު މިދުނިޔެ ދޫކުރިޔަސް އެ ވާހަކަތައް ދައްކާނެ މީހުން މިދުނިޔޭގައި ތިބޭނެ ކަމަށެވެ.