ޚަބަރު

މޯދީގެ ދަތުރު ފުޅުގައި އެއްވެސް ލޯނު އެއްބަސްވުމަކު ސޮއެއް ނުކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ފުޅުގައި އެއްވެސް ލޯނު އެއްބަސްވުމަކު ސޮއިކުރެއްވުމަށް ހަމަޖެހިފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީިން ބުނެފިއެވެ.

މޯދީގެ ދަތުރުފުޅާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ޚަލީލު ވިދާޅުވީ، ބޮޑުވަޒީރުގެ ދަތުރު ފުޅުގައި ލޯނު އެއްބަސްވުމެއްގައި ސޮއި ނުކުރެއްވި ނަމަވެސް ރާއްޖެއަށް ކޮށްދެއްވާނެ ކަންތައްތަކެއް އެމަނިކުފާނު އިއުލާން ކުރައްވާނެ ކަމަށެވެ.

"ލޯނު އެއްބަސްވުމެއްގައި ސޮއި ކުރުމެއް މިފަހަރަކު ނެތް، އެހެން ނަމަވެސް އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން ކޮންމެސް ކަހަލަ އެނައުންސްމަންޓްތަކެއް ޕްރައިމިނިސްޓަރު އެނައުންސް ކޮށްދެއްވާނެކަމަށް،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މޯދީގެ ދަތުރު ފުޅުގައި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވެދިނުމާބެހޭގޮތުން، އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އޭގެ ތެރޭގައި ވިޔަވާރީގެ ދާއިރާ އާއި، ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމުގެ އިތުރުން ކަސްްޓަމްސް އާއި ޝިޕިން އާއި ވިޔަފާރިއާގުޅޭ ދާއިރާތައް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.