އިބްރާހިމް ޒަކީ
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މައާފުނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލައެއް ތަހުގީގު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަންގަވައިފިއެވެ.
ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެދަށުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 200 ގައިދީން ވަނީ މިނިވަން ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނިގެން މައާފް ނުދެއްވާ ގައިދީއަކު ދޫކޮށްލެވުނު މައްސަލައާބެހޭގޮތުން، ޓްވީޓާ މެދުވެރިކޮށް، ހޯމް މިނިސްޓްރީން މިއަދު ބުނީ އެ ގައިދީ ޖަލުން ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ލިބިވަޑައި ގަތުމާގުޅިގެން، އެކަން ހިނގާދިޔަގޮތް ބެއްލެވުމަށްފަހު، މައްސަލަ އިތުރަށް ދިރާސާކޮށް، އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިނިސްޓަރު އަންގަވާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް މިނިވަންވި ގައިދީ، ތަހުގީގުގެ ބޭނުމަށް މިވަގުތު ހުރީ ބަންދުކުރެވިފައި ކަމަށެވެ.