އިބްރާހިމް ޒަކީ
ސިނަމާލެ ބްރިޖުން ފައިބައިގެން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގެންގޮސް، މެރިންރިސާޗް ސެނަޓަރު ހުންނަ އިމާރާތުގެ ކައްމަތީ ފާރަށް އަރައިފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ މިރޭ 1:47 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްވި ކާރުދުއްވަންއިން 34 އހަރުގެ ފިރިހެންމީހާއަށް އަނިޔާވެފައިވާ ކަމަށާއި، ސެނަހިޔާއިން އޭނާއަށް ފަރުވާދެމުންދާއިރު ބޭފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ކާރުގައި އިތުރު ބަޔަކު ނެތް ކަމަށާއި، ކާދު ދުއްވަންއިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ. އަދި އެއީ އެހެން ޒޯނެއްގެ ކާރެއް ކަމަށާއި ކާރު ދުއްވަންއިން މީހާގެ ލައިސަންސް އަތުގައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.