އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އޭނާގެ ފޭސްބުކް ޕޭޖުގައި އެހެން ވިދާޅުވެފައިވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހަށް މެމްބަރުން ހޮވަނީ ވަކި ފިކުރަކާއި ވަކި އަސާސްތަކަކާއި އަގުކުރާ ކަންތައްތަކެއް ގަބޫލުކޮށްގެން ކަމަށާއި މެމްބަރުންގެ ޚިޔާލު ތަފާތުވާ ކަންކަމުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭނެ ކަމަށެވެ.
މެމްބަރުންގެ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ވިންދާ ދެކޮޅަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަމެއް ކަމަށާއި މެމްބަރުންގެ އަބުރާއި އިއްޒަތާއި ކަރާމާތް ނެގެހެއްޓުމަށް އެންޓި ޑިފެކްޝަން ގާނޫނު ދަމަހައްޓަން ޖެހޭ ކަމަށެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އޭނާއަކީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރެކެވެ.