އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި، ރައްޔިތުގެ މަޖިލީހުގައި ތަގްރީރު ކުރައްވާނީ މެންބަރުންނަށް މަޣްރިބު ނަމާދު ކުރުމަށް ފުރުސަތު ދެއްވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީުގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނަރެންދްރަ މޯދީގެ ޝެޑިއުލް މިގޮތަށް ބަދަލުކުރީ އަންނަ ހޮނިހިރު ދުވަހު ބޮޑުވަޒީރު ތަގްރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޣްރިބު ނަމާދު ވަގުތާއި ކައިރި ވަގުތެއް ކަމަށްވާތީ ނަމާދުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން ކަމަށެވެ.
އަދި އެދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ މަޣްރިބު ނަމާދަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދެނަމާދު ދޭތެރޭގައި މަޖިލީހުގައި މޯދީ ތަގްރީރު ކުރައްވަން ހަމަ ޖައްސާފައިވުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުގައެވެ.