ޚަބަރު

ދެކުދިންނަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލީ އިތުރު ތަހުގީގެއް ނެތްކަމަށް ފުލުހުންގެ ފަރާތުން އެނގުމުން

އަލީ އިހްސާން

1

ހުޅުމާލޭގައި ގަދަކަމުން ކުޑަ ދެކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލީ، އެމައްސަލައިގައި އިތުރަށް ކުރާނެ ތަހުގީގެއް ނެތްކަމަށް ފުލުހުންގެ ތަހުގީގުން އެނގޭތީކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން ބުނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރު ކުރި 19 އަހަރުގެ ފިރިހެންމީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ނުކޮށްދިނީ، މި މައްސަލައިގައި އިތުރަށް ކުރާނެ ތަހުގީގެއް ނެތްކަން ޝަރީއަތުގެ މަޖިލީހަށް ދިޔަ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)ގެ ބަހުން އެނގުނު ކަމަށެވެ.

އެހެންވެ އެ މީހާ ދޫކޮށްލީ ކަމަށް ޑީޖޭއިން ބުނެފައިވެއެވެ.

މެއި މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގައި ބަޔަކު ނިކުމެ އެ ފިރިހެންމީހާ ވަނީ ގަން ހިންގުވައިފައެވެ. ޖެހިގެން އައި ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 12 ދުވަސް އޭނާގެ ބަންދަށް ޖަހާފައެވެ. އޭނާ ދޫކޮށްލާފައިވަނީ، ދެ ވަނަ ފަހަރަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ.

ޑީޖޭއޭއިން ބުނީ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއްކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުން ކަމަށެވެ. ނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މައްސަލައަކީ ކުޑަކުދިންނަށް އޮރިޔާން މަންޒަރު ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާއިރު ތުހުމަތު ކުރެވޭ ފަރާތުގެ ފޯނުން އެފަދަ މަންޒަރެއް ފޮރެންސިކް ޓީމަށް ފެނިފައި ނުވާކަމަށެވެ. ހަމައެކަނި ތަހްގީގުގައި ބަލަން އޮތީ ކުއްޖާ ނަފްސާނީ މީހަކަށް ދެއްކުމާއި، ޖެންޑަރ ރިޕޯޓް ހޯދުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟