ޚަބަރު

ރީބްރޯޑްކާސްޓަރުންގެ ދެމިލިޔަން ރުފިޔާގެ ޖޫރިމަނާ މައާފް ކޮށްދެއްވުމަށް، ރައީސަށް ދަންނަވައިފި

ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކޮށްގެން ޖޫރިމަނާކުރި ފަރާތްތަކުން ދައްކަންޖެހޭ ދެމިލިޔަން ރުފިޔާ މައާފް ކޮށްދެއްވުމަށް، ރައީސުލްޖުންހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނީ، އެ ފަރާތްތަކުގެ ޖޫރިމަނާ މައާފްކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީއަކުން ކަމަށެވެ.

ބްރޯޑްކޮމްއިން ބުނި ގޮތުގައި، ބައެއް ރަށްރަށުގައި ގަވާއިދާ ހިލާފަށް ރީ ބްރޯޑްކާސްޓްކުރި މައްސަލަތަކެއް ބެލުމަށްފަހު ގަވާއިދުގައި ބުނެފައިވާގޮތުގެ މަތިން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 29 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައިވާއިރު، 15 ފަރާތަކުން ޖޫރިމަނާ ދައްކާފައެއްނުވެއެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ.

ބްރޯޑްކޮމް އިން ބުނީ، ޖޫރިމަނާ މައާފްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާފަރާތްތަކެއްކަމާއި، އެ ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާތީ އިތުރު ފުރުސަތެއް ދިނުމަށް އެދޭކަމަށް އެ ފަރާތްތަކުން ބަޔާންކޮށްފައިވާކަމަށެވެ. އަދި ޖޫރިމަނާ މައާފުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބައެއް ކުންފުނިތަކުން ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ބްރޯޑްކޮމް އިން ބުނީ، ބައެއް ވަޒީރުންގެ ފަރާތްޕުޅުންވެސް، އެފަދަ ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މައާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނަށް ވަނީ ހުށަހަޅުއްވައިފައެވެ.

އެހެންކަމުން އެފަދަ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި ކުންފުނިތައް، ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށްޓަކައި އިތުރު ފުރުސަތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް ކޮމިޝަނަށް ފެންނާތީ، މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކިފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ، ގާނޫނާއި ގަވައިދުގެ ތެރެއިން މައާފުކުރެވޭނެ ގޮތެއް ހޯދުމަށް ބޭނުންވާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

"ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްދެއްވުމަށްފަހު، މި ސިޓީއާއެކު އެވާ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ޖޫރިމަނާ ފައިސާއަށް ވާ އެކު ޖުމްލަ -/2،504،000ރ (ދެ މިލިއަން ފަސްލައްކަ ހަތަރުހާސް ރުފިޔާ) މަޢާފުކޮށްދެއްވާތޯ އެދި ދެންނެވީމެވެ.” ކޮމިޝަނުން ބުނެފައިވެއެވެ.

ބައެއް ރީބްރޯޑްކާސްޓަރުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނޭ ގާނޫނީ ހަމައެއް އޮތްތޯ ބަލައި އެކަމުގެ ލަފަޔަކަށް އެދި ބްރޯސްކާސްޓީން ކޮމިޝަނުން މީގެ ކުރިން އެޓާނީ ޖެނެރަލްއަށް ވެސް ވަނީ ހުށަހަޅައިފައެވެ.