އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތާ ގުޅިގެން ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.
އެކަމާ ގުޅިގެން ހުޅުމާލޭގައި ބަންދު ކުރަން ހަމަޖެހިފައިވާ މަގުތައް ދައްކުވައިދޭ ޗާޓެއް ފުލުހުންވަނީ އާންމުކޮށްފައެވެ.
އެޗާޓުން ދައްކާގޮތުން، މާލޭން ގޮސް ބްރިޖުން ހުޅުމާލެއަށް ފައިބައިގެން ދާން ދާން އޮންނަ މަގާއި ސެންޓްރަލް ޕާކު ސަރަހައްދުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ސަރަހައްދު ބަންދުކުރެވޭނެ އެވެ. އޭގެ އިތުރުންވެސް ބައެއް ކުދި މަގުތައް ބަންދު ކުރަން ހަމަޖެހިފައިވާކަމަށް ވެސް ޗާޓުން ދައްކައެވެ.
ފުލުހުން ބުނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުމާލެއަށް ވަޑައިގަންނަވާއިރު ސެކުއުރިޓީ ބޭނުމަށް ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު ތަކުގައި 07 ޖޫން 2019 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 09 ޖޫން 2019 ވަނަ ދުވަހުގެ 22:00 އާ ހަމައަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ފެހިކުލައިން ފާހަގަކޮށްފައިވާ މަގުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރަންވެސް ވަނީ ނިންމައިފައެވެ.