ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަގުރީރުކުރައްވާ ވަގުތާ މެދު ބައެއް އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެން މަޖިލީހުގައި ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
ބައެއް އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެވަގުތަކީ ދެ ނަމާދު ދޭތެރޭ ވަގުތު ކަމަށް ވިދާޅުވެއެވެ. އެގޮތުން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޠާރިގު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު ހިމެނިވަޑައިގަންނަވައެވެ.
އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރުކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރެއަށް ވާ ގޮތަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ކުރެއްވުމުގެ މަޖުބޫރުކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާ ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް އެކަމާ ގުޅޭގޮތުން ފޭސްބުކުގައި ލިޔުއްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް މޯދީ ތަގުރީރުކުރެއްވުމަށް މަޖިލިސް ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށެވެ. އަދި ހަ ރޯދަ ހިފާ މެމްބަރުންނަށް ތަކުލީފަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވެ އެ ގަޑީގައި މަޖިލިސް ޖަލްސާ ބާއްވާތީ ކަންބޮޑުވޭ. އިންޑިއާ އިން ރާއްޖޭގެ ސަގާފަތަށް އިހުތިރާމުކުރާނެ. އަދި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބައްލަވާނެ ކަމަށް އުންމީދުކުރަން. ބޮޑަށް ގަބޫލުކުރެވެނީ ސްޓޭޓް ވިޒިޓެއް ވީމަ އެހެން ވަގުތެއް ނުލިބުނީ ކަމަށް. އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް ތާއީދުކުރަން. ޖަލްސާއަށް ދާނަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު ޠާރިގުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު، މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި ބައިވެރިވެފައި ނުވާނެ ކަމަށާއި އިންޑިއާގައި މުސްލިމުންނާ ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާއަކަށް އިހުތިޖާޖުކުރުމުގެ ގޮތުން މޯދީގެ ވާހަކަފުޅު ފެށުމުގެ ކުރިން ޖަލްސާ ދޫކުރައްވައި ނުކުންނަވާނެ ކަމަށެވެ.
ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ ސެކިއުލާ ސްޓޭޓަކަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރެއަށް ހަމަޖެއްސުން ކަމަށް ޠާރިގު ވިދާޅުވިއެވެ.