މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށް، ޝަރީއަތަށް ގެންދިއުމުގައި އަމަލުކޮށްފައިވާނީ ކުރިންވެސް އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އެމީހުން ރޭ ފަތިހު އެމީހުން އަލުން ހައްޔަރުކުރުމަށްފަހު ފޯމުތައް ފުރައި، ހައްޔަރުކުރި ސަބަބު އަންގައި ޑިޓެންޝަން ސެންޓަރަށް ވައްދަން ނިންމަންޖެހޭ އިދާރީ ކަންކަން ކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށެވެ.
މިއަދު އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ޝިފްޓުގެ ޑިއުޓީ އިންވެސްޓިގޭޓަރު ކަމަށާއި އެ ދެ އިންވެސްޓިގޭޓަރުންނަކީ ވެސް އެ މަރުހަލާތަކުގައި އެ މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓު ބަންދާ މެދު ގޮތެއް ނިންމަން އެ ދެ މީހުން ކޯޓަށް ގެންދިޔައީ އިންވެސްޓިގޭޓިން އޮފިސަރު ނޫން ކަމަށް ބަލައި، އެއީ އިޖުރާއަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބަލައި ކޯޓު އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފޯމުގައި ސޮއިކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި ޑިއުޓީ މީހާ އެވަގުތު އަންނަ ކޭސްތަކަށް އެޓެންޑްވި ނަމަވެސް، ކޭސް އިންވެސްޓިގޭޓަރަކަށް ހަވާލުކުރެވެނީ އާންމުކޮށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ގެންދިއުމަށްފަހު ކަމަށެވެ.
އެއީ ވޭތުވެދިޔަ ތަނުގައިވެސް އަމަލުކޮށްފައިވާ ގޮތް ކަމަށާއި އަދި އެއީ ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެ ދެމީހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭރު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން ބުނެއެވެ. ފުރަތަމަ ފަހަރު ހައްޔަރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ. ނަމަވެސް އެ ކޯޓު އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގައެވެ.
އަދި ރޭ ފަތިހު ހައްޔަރުކުރުމުން ބަންދުގެ މުއްދަތު ނުޖަހައި ދޫކޮށްލާފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާ އިރު، ފުރިހަމަވާން ޖެހޭނެ ކަމަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ އަށްވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަވެފައި ނުވާތީ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނެއެވެ.
އެ ގަވާއިދުގެ އަށްވަނަ މާއްދާގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ތަންފީޒުކުރާ އިދާރާ ތަމްސީލުކުރުމަށް ކޯޓަށް ހާޒިރުވާންވާނީ އެ މައްސަލައެއް ތަހުގީގުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތް ކަމަށާއި ތަހުގީގުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއެކު ބަދަލުގައި އެ އިދާރާގެ އެހެން ފަރާތަކަށް ކޯޓަށް ހާޒިރުވެވިދާނެ ކަމަށެވެ.