ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އެހީ ފޮށިން ވައްކަން ކުރި މީހާ ހައްޔަރުކޮށް، ފައިސާތައް ހޯދައިފި

ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އެހީ ފޮށިން ވައްކަން ކުރި މީހާ ހައްޔަރުކޮށް، އެ ފައިސާތައް ހޯދައިފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 5:30 ހާއިރު ތިމަރަފުށީގެ ގެއަކުން އެ ގޭގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އެހީ ފޮށި ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަން ގެނެސް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2785 ރުފިޔާ އޭނާގެ އަތުން ހޯދުމަށްފަހު ވެރިފަރާތާ މިއަދު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ވައްކަންކޮށްފައިވާ ގެއަށް ފުލުހުން ގޮސް ބަލައި ޗެކް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.