މަސްތުވާތަކެތީގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި 52 އަހަރުގެ އަންހެން މީހާގެ މައްޗަށް ތުހުމަތެއް ނެތް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނެފައިވަނީ އިއްޔެ 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައާ ގުޅޭ ގޮތުން ފެތުރެމުންދާ އެކި ދޮގު ވާހަކަތަކަށް ނިސްބަތްކޮށް މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ.
ކްރިމިނަލް ކޯޓުން މި ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި 52 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފަިއވަނީ އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައި ނުވުމުން ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައި ވެއެވެ. އަދި އެ އަންހެން މީހާގެ ކުޑަކަމުދާ ތަކެތިން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވަނީ އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހެއްކަމަށް ބުނެ ފުލުހުން ޝަރީއަތަށް އެކަމާ ގުޅޭ ލިޔުން ހުށަހެޅިކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ. އަދި މި އަންހެން މީހާ މިނިވަން ކޮށްފައިވަނީ ފުލުހުން ޝަރީއަތަށް ދީފައިވާ މައުލޫމާތުތަކަށް ނިސްބަތްކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 25 އަހަރުގެ ފިރިހެން މީހާވެސް ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ. ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ތައްގަނޑު އޮތް އަމުރަކާއެކު އެވެ. ނަމަވެސް އެމީހާ ދޫކޮށްލީ ގާނޫނުން ކޯޓު އަމުުރެއްގައި އޮތުން ލާޒިމްކުރާ ފަނޑިޔާރެއްގެ ނަން ފުލުހުން ޝަރީއަތަށް ހުށަހެޅި ކޯޓު އަމުރުގައި ނެތުމުންކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. އަދި އޭނާގެ ގެ ބަލާ ފާސްކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ތައްގަނޑު ޖަހާފައި އޮތް އަމުރުގައިވެސް ފަނޑިޔާރެއްގެ ނަން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންވެސް ކޯޓުން ދޫކޮށްލީ އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވާތީ ކަމަށެވެ. އަދި މިކަން މީޑީއާއިން ގެނެސްދީފައިވަނީ ޝަރުއީ ނިޒާމުގެ ތަސައްވުރަށް ގެއްލުން ލިބިދާނެ ގޮތަކަށް، ޒިންމާދާރުކަމެއް ނެތި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުން އަމަލުކޮށްފައިވާނީ ކުރިން ވެސް އެ މުއައްސަސާ އިން އަމަލުކުރަމުންދިޔަ ގޮތަށެވެ.