ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި މިދިޔަ މަހު ހައްޔަރުކުރި 71 އަހަރުގެ ފިރިހެން މީހާގެ ބަންދަށް މިއަދު އަނެއްކާވެސް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. މީގެ ކުރިންވެސް ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ދިހަވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހެޅުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލި ބެލުމުން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ކުއްޖާގެ 13 އަހަރުގެ ބޭބެއާއި 16 އަހަރުގެ ބޭބެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކުއްޖާގެ މަންމަގެ ލޯބިވެރިޔާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފައެވެ.
އެ މައްސަލަ ކުރިމަތިވުމާއެކު ކުއްޖާއަށް ވަނީ ހިމާޔަތް ދީފައެވެ.