އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިއުލާންކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ދެކުނު އޭޝިއާގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫހަކުން ބުނެފިއެވެ.
ދެކުނު އޭޝިއާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ސައުތު އޭޝިއަން މޮނިޓަރ" އިން އެގޮތަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާ ހަވާލާދީ ގެނެސްދިން ހަބަރެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެން އަންނަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވާ އިރު، އެ ދަތުރުފުޅުގައި އިންޑިއާއިން ލޯނު އެހީ ދެއްވާނެކަން މޯދީ އިއުލާންކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
"ބޮޑުވަޒީރު މޯދީ، ދިވެހިރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ އެލްއޯސީ ދެއްވާނެކަން އިއުލާން ކުރައްވާނެ ކަމަށް އުންމީދު ކުރެވޭ. ޖޫންމަހުގެ އަށްވަނަ ދުވަހު މޯދީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އެކަން އިއުލާން ކުރައްވާނެ ކަމަށް އުންމީދު ކުރެވޭ،" އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެން ބޮޑު ކަމެއް އިއުލާން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާތޯ އެ ނޫހުން ކުރި ސުވާލަކަށް ޖަބާދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
އެ ނޫހަށް ދެއްވި އިންޓަވިއުގައި ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމުން، އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ލޯނާއި އިމްޕޯޓް ކުރެޑިޓާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި 500 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އަވަށްޓެރި އިންޑިއާއިން އެ ޕްރޮޖެކްޓަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވުމުން އިންޑިއާއަށް އެއްވެސް ޑިމާންޑެއް ކުރައްވާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް އެއްވެސް ޑިމާންޑެއް ނުކުރާނެ ކަމަށާއި ނަމަވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކަަށް އިންޑިއާގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު، އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީދަތުރުފުޅު މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ކުރައްވަން ނިންމަވާފައިވާ އިރު، އެ ދަތުރުފުޅުގައި މޯދީ މަޖިލިހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މޯދީގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ބޮޑެތި ކަންތައްތެކެއް އިއުލާން ކުރައްވާނެ ކަމަށް ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނު އަދާކުރުމަށް ކުޑަ އިންޓަރެސްޓަކާއެކު އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ވާހަކަދައްކަމުންދާ ކަމަށް މީގެ ކުރިން އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ރިވިއު އިން ވެސް ބުނެފައިވެއެވެ. އިންޑިއާ އިން ރާއްޖެއަށް ލޯނު އެހީ ދިނުމަށް އެއްބަސްވާނީ ޗައިނާއާ އޮތް ގުޅުން ކުޑަކޮށް އިންޑިއާއާ ގުޅުން ބަދަހިކުރުމުގެ އިތުރުން ދާއިމީ ގޮތެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި، ދެ ގައުމުގެ ސަލާމަތީ ގުޅުން ވަރުގަދަކުރުމަށް ކަމަށް ރާއްޖެއިން އެއްބަސްވާ ނަމަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.