މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުން އަނެއްކާވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މުއްދަތު ޖެހުމަށް އެ ދެ މީހުން ކޯޓަށް ގެންދިއުމުން އަނެއްކާވެސް އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ކޯޓުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެ ދެ މީހުން ގެންދިއުމުން ބަންދުގެ މުއްދަތު ނުޖަހައި ދޫކޮށްލާފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާ އިރު، ފުރިހަމަވާން ޖެހޭނެ ކަމަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ އަށްވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަވެފައި ނުވާތީ ކަމަށެވެ.
އެ ގަވާއިދުގެ އަށްވަނަ މާއްދާގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ތަންފީޒުކުރާ އިދާރާ ތަމްސީލުކުރުމަށް ކޯޓަށް ހާޒިރުވާންވާނީ އެ މައްސަލައެއް ތަހުގީގުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތް ކަމަށާއި ތަހުގީގުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއެކު ބަދަލުގައި އެ އިދާރާގެ އެހެން ފަރާތަކަށް ކޯޓަށް ހާޒިރުވެވިދާނެ ކަމަށެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ މަންމައާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
މިދިޔަ ހޯމަ ދުވަހު ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން މުއްދަތު ޖަހަން ގެންދިއުމުން ފުރަތަމަ އެ މީހުން ކޯޓުން ދޫކޮށްލާފައިވަނީ އިއްޔެއެވެ. އޭރު ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ. ނަމަވެސް އެ ކޯޓު އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި 25 އަހަރުގެ ދިވެހި ފިރިހެން މީހާއާއި 52 އަހަރުގެ ދިވެހި އަންހެން މީހާ އިއްޔެ ކޯޓުން ދޫކޮށްލުމުން ފުލުހުން ހުޅުމާލޭ ކޯޓު އަމުރަކާއެކު އެމީހުން އަލުން ހައްޔަރުކޮށްފައިވަނީ ރޭ 3:17 ހާއިރެވެ. މިދިޔަ ހޯމަ ދުވަހުވެސް އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ކޯޓު އަމުރެއްގެ ދަށުންނެވެ.