ޚަބަރު

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ކުރިން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 3:50 އަށެވެ.

ފަހުން މެޓް އޮފީހުން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފައިވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:30 އަށެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.

އެ ސަރަހައްދުތަކުގެ އިތުރުން ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:45 އިން ފެށިގެން ހަވީރު 6:00 އަށެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.