ޚަބަރު

މަސްތުވާތަކެތީ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކޮށްފި

މަސްތުވާތަކެތީ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލުމުން އަނެއްކާވެސް އެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެއިން ހައްޔަރުކޮށްފައިވަނީ ރޭ 3:17 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ރޭ ވެސް ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިޔަ އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. ކޯޓް އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ. ނަމަވެސް އެ ކޯޓު އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގައެވެ.