ޚަބަރު

ގާނޫނީ އެހީދޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާ ސޮއިކުރަން ނިންމައިފި

އަލީ އިހްސާން

ގާނޫނީ އެހީދޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާ ސޮއިކުރަން ނިންމައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ އިކޮނޮމިކް ޓައިމްސް" އިން ބުނެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޖިނާއީ ތަހުގީގުތަކާ ގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާ ސޮއި ކުރާނެކަމަށް ބެލެވޭ ކަމަށެވެ. މި އެއްބަސްވުމަކީ މި ސަރަހައްދަށް ދިމާވެފައިވާ ޓެރެރިޒަމްގެ މައްސަލައަށް އިތުރަށް ހައްލު ހޯދުމަށް މަސައްކަތެއް ކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ އިދާރާތައް ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ފްރޭމްވޯކެއް އެކުލަވާލަން ނިންމަވާފައިވާ ކަމަށެވެ. އަދި މޯދީގެ މި ދަތުރުފުޅުގައި އެ މަޝްވަރާތަކަށް ރަސްމީ ސިފައެއް ގެނެވޭނެކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ، އިންޑިއާ އާއި ރާއްޖެއިން ސޮއިކުރުމަށް ހަމަޖެހިފައިވާ އެއެއްބަސްވުމާއެކު ކުށްވެރިން ހޯދައި ދައުވާ ކުރުމާއި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިވާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެން މިހަމުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.