ކަރެކްޝަންސްގެ އުޅަނދުތައް ގަތުމަށާއި، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް އިންޑިއާއިން ހިލޭ އެހީދޭން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށް އަށް މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައި އެ ސަރވިސްއަށް ބޭނުންވާ އިތުރު އުޅަނދުތައް މި ޕްރޮޖެކްޓުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ހިލޭ އެހީގެ ތެރެއިން މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް އަށް މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ގާބިލްކަން އިތުރުވެ، ސިޓީ ކައުންސިލުންދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން ށ.ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް އިންޑިއާ ސަރުކާރުގެ ހިލޭވެސް ވަނީ ކަނޑައަޅާފައެވެ. ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ހިލޭ އެހީގެ ތެރެއިން މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ފަސް މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި، ފޯކައިދޫގެ ރައްޔިތުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށްވެސް ބޭނުންވާ ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން ޒުވާނުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތާއި، ކުތުބުހާނާގެ ހިދުމަތާއި އަތޮޅު ފެންވަރުގައި ބާއްވާ ވޯކްޝޮޕް، ރީޖަނަލް ސެމިނަރ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށްވެސް މި ސެންޓަރު ބޭނުން ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.