ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މުހިންމު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ޝާހިދު

އަލީ އިހްސާން

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މުހިންމު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ "ކްލައިމެޓް ޗޭންޖް، މައިގްރޭޝަން އެންޑް ޑިސްޕްލޭސްމެންޓް" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ ރައުންޑް ޓޭބަލް ޑިސްކަޝަންތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން މުހިންމު ގިނަ ހިދުމަތްތަކެއް ހުއްޓުމަކަށް އައިސް ގިނަ ރަށްތަކަކަށާއި ރާއްޖޭގެ އިންފްރާންސްޓަރަކްޗާއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ރާއްޖެއަށް އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތަކެއްވެ، އާމްދަނީ ލިބެން އޮންނަ މައި ވަސީލަތް ކަމުގައިވާ ޓޫރިސްޓް ރިޒޯޓްތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އަދި ބައެއް ރައްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީތައް އެހެން ރަށްތަކަށް ގެންގޮސް ވަޒަންވެރި ކުރަން ޖެހުނު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ ހާދިސާއެއްގައި މީހުންނަށް ކުރިމަތިވާ ދެރަ ނިކަމެތި ހާލު އިހުސާސްކުރަން ދަތިވާނެ ކަމަށާއި، މީހުން މުޅި ހަޔާތުގައި ކުރި މަސައްކަތް ގެއްލިގެން ގޮސް، ދަރީންގެ މުސްތަގުބަލު ބެހިގެން ދިޔަ މަންޒަރު ސިފަ ކުރަން އުނދަގޫވާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އެކަހަލަ ހާލަތެއް ހިތަށް ގެނެސްގެން ނޫނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވޭނެ ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބަލަހައްޓައިގެން ތިބުން ރާއްޖެ ފަދަ ގައުމުތަކަށް ނެތްކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއްޔެވަނީ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ޑައިޑެއަރ ރޭންޑާރސް އާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ މިނިސްޓަރުންވަނީ ދިވެހިރާއްޖެއާއި ބެލްޖިއަމްއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ޑިމަކުރަސީއާއި ހިއުމަންރައިޓްސްގެ ކަންކަމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ޖަރުމަން ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވުމަށް، ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހެއިކޯ މާސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މިއަދު އޮންނާނީ 4 ވަނަ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްއެވެ.