ވައި ތަގައްޔަރުވުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަކީ ކޮބާތޯ ވިސްނާލުން މުހިންމު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރު އާންމުކުރެއްވި ހިޠާބުގައި ދިވެހި ރައްޔިތުންނަށް މިނިސްޓަރު ވަނީ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ފިތުރު އީދުގެ ތަހުނިޔާ ދަންނަވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ވައި ތަގައްޔަރުވުން (އެއަރ ޕޮލިއުޝަން)ގެ ޝިއާރާއެކު މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު ވައި ތަގައްޔަރުވުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަކީ ކޮބާތޯ ވިސްނާލުން މުހިންމު ކަމަށާއި އަދި ޒަމާނާއި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު އަހަރެމެން ނޭވާލާ މި ވައި ތަގައްޔަރުވެފައިވާ ކަމަށެވެ.
އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމާއި ތަފާތު ބޭނުންތަކަށް އަދި ކުނި މެނޭޖްކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޖައްވަށް ދޫކުރާ ދުމުގައި، ހަކަތަ އުފައްދާ އުފެއްދުމާއި އެކުލެވޭ ވިހަ މާއްދާތަކުން އިންސާނުންނާއި އެހެން ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ފިކުރުކޮށްލުން މުހިންމު ކަމަށާއި ވައި ތަގައްޔަރުވުމަކީ އިންސާނާއަށް ތަފާތު އެކި ބޮޑެތި ސިއްހީ މައްސަލަތައް ދިމާވާ ކަމެއް ކަމަށެވެ.
ވައި ތަގައްޔަރުވުމުގެ ސަބަބުން މޫސުމަށްވެސް ތަފާތު އެކި ބަދަލު އަންނަކަން މިނިސްޓަރުގެ ހިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ތޫފާންތަކުގެ ބާރު ގަދަވުމާއި، ހަނަފަސްކަން އިތުރުވުމާއި، ގަސްކަރައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ލިބޭ ގެއްލުންތަކަކީ ވައި ތަގައްޔަރުވުމުން ދިމާވާ އެކި މޫސުމީ ބަދަލުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ވައި ތަގައްޔަރުވާ ފަދަ ވިހަ މާއްދާތައް ބޭނުން ކުރުން ވީހާވެސް މަދުކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު އިލްތިމާސްކުރައްވާފައި ވެއެވެ.