ޚަބަރު

ހައިވޭގެ ޑިވައިޑަރުތައް ހަލާކުވުމުން މަޑުނުކޮށް ދިޔަ ވެހިކަލް ހޯދައި ޓޯކޮށްފި

ސިނަމާލެ ބުރިޖް ހައިވޭގެ ޑިވައިޑަރުތައް ހަލާކުވުމުން މަޑުނުކޮށް ދިޔަ ވެހިކަލް ހޯދައި އެ ވެހިކަލް ޓޯކޮށްފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގުމުން މަޑުނުކޮށް ދިޔަ ޕްރައިވެޓް ކާރު ހޯދާފައިވަނީ ގަރާޖެއްގެ ތެރެއިން ކަމަށެވެ.

މިއަދު ހެނދުނު 11:00 ހާއިރު ގަރާޖެއްގެ ތެރެއިން އެ ކާރު ފެނުމުން މެންދުރު 1:00 ހާއިރު އެ ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ކާރު، ބުރިޖްގެ ހައިވޭގެ ރޯޑު ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:15 ހާއިރެވެ.

މިއަދު ހިނގި އެ އެކްސިޑެންޓުގައި ވެހިކަލުން ޖެހުމުގެ ސަބަބުން ޑިވައިޑަރުތަކުގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ. އެ އެކްސިޑެންޓު ހިނގުމާއެކު ވެހިކަލް މަޑުނުކޮށް ދިއުމުން ފުލުހުން ވަނީ އެ ވެހިކަލް ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މީގެ ކުރިން މިއަހަރުގެ ތެރޭގައި ހިނގި ހަތަރު އެކްސިޑެންޓެއްގައި ބުރިޖާ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތައް ވަނީ ފުނފުނޑުވެފައެވެ. އެއީ ޖެނުއަރީ، ފެބްރުއަރީ، މާޗް އަދި މެއި މަހު ހިނގި އެކްސިޑެންޓުތަކެވެ. އެއިން ކޮންމެ މަހެއްގައި ޑިވައިޑަރުތައް ހަލާކުވުމުގެ އެކްސިޑެންޓެއް ހިނގާފައިވާ އިރު، މިއަހަރުގެ ތެރޭގައި އެފަދަ އެކްސިޑެންޓެއް ހިނގާފައިނުވަނީ ހަމައެކަނި އޭޕްރީލް މަހުއެވެ.