ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރުވަނަ ފަހަރަށް އެވަރެސްޓްއާގެ ބަލައި ފާސްކޮށް، 11 މީހުން ހައްޔަރުކޮށްފި

އަލީ އިހްސާން

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގެތަކުގެ ގޮތުގައި ފުލުހުން ހާމަކޮށްފައިވާ މ. އެވަރެސްޓްއާގެ އިން އަނެއްކާވެސް ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ޖޫން 3 ވަނަ ދުވަހު ހަވީރު ކޯޓު އަމުރެއްގެ ދަށުން މ. އެވަރެސްޓްއާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މިއީ އެވަރެސްޓްއާގެ ބަލައި ފާސްކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެގެއިން ޖުމްލަ 46 މީހުން ހައްޔަރުކުރިއެވެ.

މިފަހަރު އެގެއިން 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 36 އަހަރާއި ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝް ތިން ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސްގަނޑެއް ފެނިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން އެގޭ ބަލައި ފާސްކުރުމަށް ވަންނަން ޖެހުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އެގޭގައި ފުލުހުންނަށް ނުވަދެވޭ ގޮތަށް ހަރުކޮށްފައި ހުރި ދަގަނޑު ތޭރި ދޮރުތައް ނަގައި، އެގެއަށް ވަދެވޭނެ އިތުރު ގޮތެއް ނެތުމުން އެގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި ބަލައި ފާސްކުރި ގިނަ ގެތަކަށް ފުލުހުން ވަންނަން ޖެހިފައިވަނީ ދަގަނޑު ދޮރުތައް ހަލާކުކޮށްލައިގެންނެވެ.

މިހާތަނަށް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ހަތަރު ގެއެއް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މ. އެވަރެސްޓްއާގެއާ އެކު ދެން ހިމެނެނީ ގ. މެމޯރީވިލާ، ގ. ޕެލިކަން އަދި މއ. ބޯކެޔޮގަސްދޮށުގެއެވެ. މީގެ ކުރިން އެ ހަތަރު ގެއިން ޖުމްލަ 138 މީހުން ހައްޔަރުކޮށްފައިވެއެވެ.