ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓްއަރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ކޮމިޝަންގެ ސައުތު އޭޝިޔާގެ ޗެއާކަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެއަހަރަށް ޔޫއެންޑަބްލިއުޓީއޯ ކޮމިޝަންގެ ސައުތު އޭޝިޔާގެ ޗެއާއަކަށް ރާއްޖެ އިންތިހާބު ވެފައިވާ ކަމަށެވެ. އެންމެފަހުން ޔޫއެންޑަބްލިއުޓީއޯގެ ޗެއާއަކަށް ރާއްޖެ އިންތިހާބުވެފައިވަނީ 1995 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ ހަމައަށެވެ.
ޔޫއެންޑަބްލިއުޓީއޯގެ ޗެއާއަކަށް ރާއްޖެ އިންތިހާބުކޮށްފައިވާ އިރު، އިއްޔެ ރާއްޖެއިން ވަނީ ޑަބްލިޔުޓީއޯގެ ސަރަހައްދީ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުލޫތަކުގެ ތެރޭގައި، ދެެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުުވުމާއި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ފަތުރުވެރިކަން މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ.