އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 11ގައި ހުވާކުރެއްވުން ވެގެންދާނީ ރިޔާސީ އިންތިހާބަށްފަހު ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާ ފުރަތަމަ ކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ކަމަކަށް ގާނޫނު އަސާސީގައި ނޯންނަ ކަމަށެވެ.
ގާނޫނު އަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރުގެ ދުވަސް ކަމަށާއި އެހެންކަމުން ނޮވެމްބަރު 11ގައި ހުވާކުރައްވައިފިނަމަ އެކަން ވެގެންދާނީ ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު 2013ގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސްކަމުގެ ހުވާކުރެއްވުނީ އެ އަހަރުގެ ނޮވެމްބަރު 17ގައެވެ. ނޮވެމްބަރު 11އަކީ ކުރީއްސުރެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހަށްވުމުން އެ ދުވަހު އިބޫ ހުވާކުރައްވަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާ އިރު، ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާކުރެއްވުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް އެކަން ރިޔާސަތުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ.