އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު "ތުރައްޔާ" ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗަށް ނަގައި، އެ އުޅަނދު ކަނޑަށް ދޫކޮށްލައިފިއެވެ.
ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދޯނި ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ކޯސްޓުގާޑުން ރޭ ވަނީ ހޯދައިފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ތިބި ތިން ފަޅުވެރިން ކޯސްޓުގާޑުގެ "މާފަތް" ލޯންޗަށް ނެގުމަށްފަހު އެ ދޯނި ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި މިއަދު ހެނދުނު 6:30ގައި އެ ދޯނި ކަނޑަށް ދޫކޮށްލާފައިވަނީ މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި ކަފު ޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ބޯޓުގެ ވެރިފަރާތުން ކުރި މަސައްކަތުން އުޅަނދެއް ނުލިބި، ބޯޓު ރާއްޖޭގެ ސަރަހައްދުން ބޭރަށް އޮޔާ ދާތީ ކަމަށެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި 33 ފޫޓުގެ އެ ދޯނި ގެއްލިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރެވެ.
އެ ދޯނި ފެނިފައިވަނީ ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށް، ރޭ 10:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް "ތުރައްޔާ" ދޯނި ފެނުނު އިރު އޭގައި ތިބި ތިން ދިވެހިންގެ ހާލު ވެސް ރަނގަޅެވެ.