އީދު ނަމާދަށް ދިޔަ ގަޑީގައި މައްޗަންގޮޅީގެ ގެއަކުން 60،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ އީދު ނަމާދަށް ދިޔަ ވަގުތު މައްޗަންގޮޅީގެ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވައްކަންކޮށްފައިވާ ކަމަށް މިއަދު ހެނދުނު 8:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ވައްކަމުގައި އެ ގެއިން 60،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ފޯނެއް ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ.
އީދު ބަންދުގައި މާލޭ ސިޓީގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ފުލުހުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިންޓެންޑެންްޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް އީދުބަންދާއި އީދު ދުވަހު އެންމެ ގިނައިން ހިނގާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެހެންކަމުން ފިތުރު އީދު ބަންދުގައި ވައްކަން ކުރުން މަދު ކުރުމަށް، ސަލާމަތީ ކަންތައްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.