މާލެއާއި އަތޮޅުތަކުގައި ފިތުރު އީދު ނަމާދުކޮށްފިއެވެ.
މިއަހަރުގެ ފިތުރު އީދު ނަމާދު، މާލޭގައި ކޮށްފައިވަނީ ހުކުރު ނަމާދުކުރާ މިސްކިތްތަކުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި މިއަހަރުގެ ފިތުރު އީދު ނަމާދުކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އީދު ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގައެވެ. އީދު ނަމާދަށްފަހު ރައީސް ވަނީ މިސްކިތުގައި ޖަމާވެފައި ތިބި މީހުންނާ ސަލާމްކުރައްވައިފައެވެ.
މިއަދު ހެނދުނުވެސް މާލެ އަދި ބައެއް ރަށްރަށަށް މޫސުން ގޯސް ނަމަވެސް، އީދު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. ބައެއް މީހުންނަށް މިސްކިތްތަކުގެ އެތެރެއިން ޖާގަ ނުލިބުމުގެ ސަބަބުން އީދު ނަމާދުކޮށްފައިވަނީ ވިއްސާރަ ތެރޭގައެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ އިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެންމެ ފަހުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 9:30 އަށެވެ. އޭގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 6:45 އިން ފެށިގެން 11:45އަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ވެސް ނެރެފައެވެ.