އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 (އައިއެމްޓީއެމް 2019) މިމަހުގެ 26 އަދި 27ގައި އޮންނާނެއެވެ.
ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައިއެމްޓީއެމް 2019"ގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން 25 ގައުމުން އެކިއެކި ދާއިރާތަކުގެ ފަރާތްތައް "އައިއެމްޓީއެމް 2019" ގައި ބައިވެރިވާނެ ކަމަށް އައިއެމްޓީއެމް އިން މައުލޫމާތުދެއެވެ. މި ބައިވެރިން ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރާނެއެވެ.
"އައިއެމްޓީއެމް 2019"ގައި ގެސްޓް ހައުސްތަކަށް ހާއްސަ ބައިނަލްއަގުވާމީ 25 ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ. އަދި ލަގްޒަރީ މާކެޓަށް ވެސް 25 ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެކަމަށް އައިއެމްޓީއެމް އިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް އާއި ގުޅޭ އެކިދާއިރާތަކުން 300 އަށް ވުރެން ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެތެރޭގައި ރިޒޯޓުތަކާއި ލިވަބޯޑްގެ އިތުރުން ލޯކަލް ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ.
"އައިއެމްޓީއެމް 2019" ފެއަރގައި މިއަހަރު ސަސްޓެއިނަބަލް ޓުއަރިޒަމް ޑިވެލޮޕްމެންޓްއާ ގުޅޭގޮތުން ދެ ދުވަހުގެ ފޯރަމް އެއްވެސް ކުރިއަށްދާނެ ކަމަށް އައިއެމްޓީއެމް އިން މައުލޫމާތު ދެއެވެ.
މިއީ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު "އައިއެމްޓީއެމް 2018" ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.
ވަން އޮންލައިން އަކީ "އައިއެމްޓީއެމް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.