ޚަބަރު

އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދު ފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ކޯސްޓްގާޑުން ފަށައިފި

ފިތުރު އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދު ފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑުރަން އިން މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ޕްރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި އުޅަނދު ފަހަރުގެ މުއާސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ބެލުން އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ތިން ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މާލޭގެ ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ހަރަކާތްތެރިވާނެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑުރަން އިން ފެށި މި ޕްރޮގްރާމަކީ ފތުރު އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.