ހުޅުމާލޭގެ ފްލެޓްތަކަށް ފައިސާ ނުދައްކައިގެން ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ރައްޔިތުންނަށް ލިބެންހުރި ފަސޭހަތައް ދެނެގަނެ، ރައްޔިތުންނަށް ފުދުންތެރި ދިރުއުޅުމެއް އުޅުމުގެ މަގުފަހި ކޮށްދިނުމަށްޓަކައި ސަރުކާރުގެ ލަފައާއެކު އެކަށައެޅިފައިވާ ނިންމުމެއް ކަމަށެވެ.
އެޗްޑީސީން ބުނީ އޭގެ ސަބަބުން ތަފާތު ދަތިތައް މެދުވެރިވެގެން ފައިސާ ނުދެއްކި އަރާފައިވާ ޖޫރިމަނާ، އެފަދަ ރައްޔިތުންނަށް މައާފު ކުރެވި، ބާކީ ދައްކަން ހުރި ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަ ގޮތްތައް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެކަށައެޅުމަކީ އެޗްޑީސީގެ އަމާޒެއް ކަންވެސް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.