ޚަބަރު

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފިތުރު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މަޖިލިސް އިދާރާއިން އާންމުކުރި ރައީސް ނަޝީދުގެ ހިޠާބުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ހުރިހާ މުސްލިމުންނަށްވެސް މި ކުޑަ އީދު ދުވަހަކީ އިންތިހާއަށް އުފާވެރި ދުވަހަކަށްވުމަށް އުންމީދުކުރައްވާ ކަމަށެވެ.

"މި ރާއްޖޭގެ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި އަދި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހާ މުސްލިމުންނަށް ކުޑަ އީދު ދުވަހުގެ އުފާވެރި ތަހުނިޔާ އަޅުގަނޑު ރައްދުކުރަން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އެންމެންނަށްވެސް، ރާއްޖޭގެ އެންމެ ރައްޔިތުންނަށްވެސް އަދި އެންމެހާ ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ހުރިހާ އިސްލާމުންނަށްވެސް މި ކުޑަ އީދު ދުވަހަކީ އިންތިހާއަށް އުފާވެރި ދުވަހަކަށްވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ފަށައިގެން އީދު ދުވަހުގެ ކުޅިވަރުތަކާއި އީދު ދުވަހުގެ މަޖާ ކުރިއަށްގެންދިއުމަކީ މި އީދު ދުވަހުވެސް ރާއްޖޭގެ އެންމެހާ ރައްޔިތުން އުފަލާއެކީގައި ކުރަމުންގެންދާނެ ކަންކަން ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާންކޮށްފައެވެ. އެކަން އިއުލާންކޮށްފައިވަނީ އެ މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމުގައެވެ.