ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސޯލިހު އީދުގެ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސް ސޯލިހު ފޮނުއްވި ތަހުނިޔާ ހިތާބުގައި ވިދާޅުވީ އީދުގެ އުފާވެރިކަން އިތުރުވެގެން ދަނީ ރަމަޟާން މަހުގެ ރޯދައާއި ރޭއަޅުކަމުގެ ހެޔޮ ނަސީބު މާތް ﷲ އަހަރެމެންނަށް މިންވަރުކުރެއްވީތީ ކަމަށެވެ. ރައީސް ވިދާޅުވީ އީދު ދުވަހަކީ އުފާފާޅުކުރުމުގެ އިތުރަށް ސާފު ހިތަކައިގެން އެކަކު އަނެކަކާއި ސަލާންކޮށް އެކުވެރިކަން އާލާ ކުރަންވީ ދުވަހެއް ކަމަށެވެ. އަމި އީދު ދުވަހަކީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދަމަހައްޓަން ލިބޭ ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އީދު ދުވަހަކީ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތެއްކަމަށްވުމުން މި ދުވަހުގެ އުފަލުގައި މުޖްތަމައުގެ އެންމެން ޝާމިލު ކުރުމަށެވެ. އަދި އުފާވެރި އީދަކާއި ކުރިމަތިލީ ފާގީރުން، މިސްކީނުން އަދި ނިކަމެތިންގެ ހާލަތު އަހަރެމެންނަށް ހަނދާންކޮށްދިން މޫސުމަކަށް ފަހު ކަމަށް ވުމުން އީދުގައި އެމީހުންގެ ދަތިތައް ފިލުވައި ދިނުމަށް އަވަސްވެގަތުމަށް ރައީސް ނަސޭހަތްތެރިވިއެވެ. އަދި އީދުދުވަހަކީ ހަމައެކަނި ދީނީ ދުވަހެއް ނޫން ކަމަށާއި ނަމަވެސް އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ އަގު ފުރިހަމަ ގޮތުގައި ދެމެހެއްޓުމަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ކަމެއްކަން ރައީސް ހަނދުމަކޮށްދެއްވިއެވެ.
މިފަދަ އުފާވެރި ދުވަސްތަކުގެ ހެޔޮކަމާއި ބަރަކާތުން ދިވެހިންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވައި އުންމަތަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.