ފ.މަގޫދޫއިން ގޯތި ދޫކުރުމަށް 2016ގައި ކުރި އިއުލާނު ބާތިލްކޮށް އަލުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމަށް މަގޫދޫ ކައުންސިލްގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފި އެވެ.
އޭސީސީ އިން މިއަދު އާންމުކުރި ގޮތުގައި 2016 ވަނަ އަހަރުގެ ތެރޭ މަގޫދޫ އިން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ގޯތި ލިބުނު ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017ވަނަ އަހަރު ވަނީ ދޫކޮށްފައެވެ. އަދި މިއަހަރު އެ ނިންމުންތަކަށް ބަދަލު ގެނައުމުގެ ސަބަބުން 2017 ވަނަ އަހަރު ގޯތި ލިބުނު ބައެއް މީހުން ފަހުން ނެރުނު ލިސްޓުގައި ނުހިމެނި އެހެން ބަޔަކު ލިސްޓުގައި ހިމަނާފައިވާ ކަމުގެ މައްސަލަ އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އަދި އަލުން ގޯތި ދޫކުރުމަށް ނިންމި ނިންމުމަކީ މި މައްސަލަ ބެލުމަށްފަހު އެކޮމިޝަނުގެ ނިންމުން ކަމަށް އޭސީސީއިން މައުލޫމާތު ދިނެވެ.
2016 ވަނަ އަހަރު މަގޫދޫގައި ގޯތި ދޫކޮށްފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެއަހަރުގެ މެއި މަހު ހުއްދަ ދިނުމާއެކު އެވެ. ނަމަވެސް ގޯތި ދިނުމަށް އިއުލާނުކޮށްފައިވަނީ ހުއްދަ ބާތިލް ކުރުމުން ކަމަށް އޭސީސީގެ ތަހުގީގުން ފާހަގަވެފައިވެއެވެ.
މަަގޫދޫ ކައުންސިލަށް އަލުން އިއުލާނުކޮށްގެން ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް އޭސީސީ އިން އަންގާފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.