ޚަބަރު

ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރެއް އިލްތިމާސްކޮށްފިއެވެ.

އެ ބައްޔަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރެއްވީ އޭނާ ކުރެއްވި ޓުވީޓަކުންނެވެ.

ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާކަން ފާހަގަކުރައްވައި، ޑރ. ފައިސަލް ވިދާޅުވީ އެ ބަލި ޖެހުމުން ހަފްތާއަކަށް ކުދިން ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އޭނާ ވަނީ ހުރިހާ ކުދިން ވެސް އަތް ދޮވުމަށް އާދަކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

އޭގެ އިތުރުން ކުޅޭ ސާމާނާއި ދޮރުގެ އަތްގަނޑު ރަނގަޅަށް ސާފުކުރުމަށާއި ހުރިހާ ސްކޫލެއްގައި ވެސް ސައިބޯނިން އަތް ދޮވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ.

"ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަވޭ އެބަ. ހުރިހާ ކުދިން އަތް ދޮންނަން އާދަ ކޮށްދެއްވާ. ބަލި ޖެހުމުން ހަފްތާއަކަށް ސުކޫލަށް ނުފޮނުއްވާ. ކުޅޭ ސާމާނު، ދޮރުގެ އަތްގަނޑު، ރަނގަޅަށް ސާފުކުރައްވާ. ހުރިހާ ސުކޫލެއްގައިވެސް ސައިބޯނިން އަތް ދޮވެވޭގޮތަށް އިންތިޒާމް ކުރެއްވުން މުހިންމު،" އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުދިންގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔައިން އެއް ކުއްޖެއްގެ ގައިން އަނެއް ކުއްޖާގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަން ފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުން އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތަކެވެ. އެ ބަލި އާންމުކޮށް ޖެހެނީ ދިހަ އަހަރުން ދަށުގެ ކުދިންނަށެވެ.